2.1.10

ފުންކޮށް ވިސްނާލައްވާ ބައްލަވާށެވެ!

ޢަބުދުﷲރަޝީދު


الله تعالى އަށް ފަށްފަށުން ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ މުސްލިމު ދިވެހި ދަރިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއްކަމާއި މެދު ޝައްކެއްތެވެ. ކޮންމެއެކަސް ދިވެހި ޤައުމަކީ އިސްލާމީ ޤައުމެކެވެ. މިހާތަނަށްވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މުސްލިމް ދައުލަތެކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ ބޮޑު ނިޢުމަތްތަކުގެ ތެރެއިން އެއް ނިއުމަތް ލިބިފައިވާ މީސްތަކުންތަކެއް އުޅެމުންދާ ކުޑަކުޑަ މުޖުތަމައެކެވެ.


އާއެކެވެ. އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުތެވެ. އިސްލާމްދީން ނިޢުމަތަކަށްވަނީ އެއީ ބޮޑުމުދާ ގަޑެއްކަމުގައި ނުވަތަ ފައިސާތަކަށް ވީމައެއްނޫނެވެ. ނުވަތަ ބޮޑެތި އުސް އިމާރާތްކަކެއްވީމައެއް ނުމެނޫންމެވެ. އެހެނެއްކަމަކު އިސްލާދީން އެއީ އިންސާނިތްޔަތުގެ ހުންގާނަށްވީތީއެވެ. މިހުވަފެނީ ޙަޔާތް ދޫކޮށް ޙަޤީޤީ ޙަޔާތް އާދެ އާޚިރަތުގެ ބާއްޖަވެރިކަން ލިއްބައިދޭ ވަޞީލަތަށް ވީތީއެވެ. މުޖުތަމަޢުތަކުން ބޭއިންސާފާއި ނުބައި ރޭވުނަތައް ނެތިކޮށް، އަދުލްއިންސާފާއި ހެޔޮގޮތް ހޯދައިދޭ މަގުކަމުގައި ވިތީއެވެ. ނާމާންކަމާއި ބިރުވެރިކަން އެއްކިބާކޮށް، އަމާންކަމާއި ހަމަޖެހުން ލިއްބައިދޭ ސަބަބަށްވީތީއެވެ. ތަހްޒީބާއި ތަމައްދުނުގެ އަސްލުކަމުގައި ވީތީއެވެ. އެހެންކަމަށް ވީހިނދު މުޖުތަމަޢަށް އަދުލްއިންސާފާއި ހެޔޮގޮތް ބޭނުންނަމަ، އަމާންކަމާއި ހަމަޖެހުން ބޭނުންނަމަ، ތަހްޒީބާއި ތަމައްދުނު ބޭނުންނަމަ، އަޅުނޑުމެންނަށް އެދިމާއަށް ދުއްވައިދޭނެ ހުންގާނެއް ބޭނުން ވާނެކަމާއިމެދު ޝައްކެއްނެތެވެ. އާދެ އެ ހުންގާނަކީ އިސްލާމްދީނެވެ. އެދީން ރަގަނޅަށް ދެނެގަތުމެވެ. الله تعالى އީ ކޮން ފަރާތެއްކަން ދެނެގަނެ، ޙައްޤުގޮތުގައި އެއިލާހު އެއްކައުވަންތަކޮށް، ހަމައެކަނި އެއިލާހަށް އަޅުކަންކުރުމެވެ. އިސްލާމްދީނުގެ އަސާސީ އަސްލުތައް ދެނެގަނެ އެއަށް އަމަލުކުރުމެވެ. الله تعالى ގެ ރަސޫލާ صلى الله عليه وسلم އީ الله تعالى ފޮނުއްވި ޙައްޤުރަސޫލެއްކަން ދެނެގަނެ، އަދި އެކަލޭގެ ފާނު ގެނެސްދެއްވި ކަންކަމުގައި ހިފާ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމެވެ.
އޭ މުސްލިމް އޚުންނާއި އޚުތުންނޭ! އޭ ދިވެހި ދަރިންނޭ! ނިންކަން ފުންކޮށް ވިސްނާބައްލަވާށެވެ. "ތައުޙީދު" މިއީ ކޮންއެއްޗެއްހޭ؟ އަހައިފިނަމަ ޖަވާބު އެނގެނީ ކިތައް ދިވެހިންނަށްބާ؟ އާއެކެވެ. ތައުޙީދޭ ބުނެފިނަމަ އެއީ ކޮން އެއްޗެއްކަން އެގޭ ދިވެހިން މަދުކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ ހާލަތައް ބަލާ އިރު އިސްލާމްދީނުގެ އާއްމު އެންމެ އަސާސީ ބައިތައްވެސް ނޭނގޭ ކަމީ، މިހާތަނަށް އައި އިރު ދިވެހިންނަށް އިސްލާމްދީނުގެ ޢިލްމު އުގަންނައި ދެވިފައި ނުވާކަމުގެ ހެއްކެވެ. މިމަތިވެރި ދީނުގެ މާތްވި އުސޫލުތައް ނޭނގޭކަމުގެ ބޮޑު ދަލީލެކެވެ. އެންމެ ކުޑަމިނުން ދީނަކީވެސް ކޮން އެއްޗެއްކަން އޭގެ ޙައްޤުގޮތުގައި ނޭނގޭ ކަމުގެ މިސާލެކެވެ. އެހެންކަމުން އަދިވެސް އިތުރަށް މިކަމާ ވިސްނަވާ، ތައުޙީދުގެ ކޮންމެވެސް މިން ވަރެއް އުގެނުމަށް ކުރިއަށް ވަޑައިގަންނަމާ ހިންގަވާށެވެ.
ތައުޙީދަކީކޮބާހެއްޔެވެ؟ އަދި އޭގެ ބައިތަކަކީ ކޮބާހެއްޔެވެ؟
ތައުހީދުގެ ލަފްޒީމާނައަކީ އެއްޗެއް އެކަނިވެރި ކޮށްލުމެވެ. ނުވަތަ އެއްމެ އެއްޗެއްކަމުގައި ހެދުމެވެ. ނުވަތަ އެންމެ ފަރާތެއްކަމުގައި ހެދުމެވެ. ނުވަތަ އެންކައުވަންތަ ކުރުމެވެ.
ޝަރުޢީގޮތުން ތަޢުޙީދުގެ މާނައަކީ الله تعالى އެއީ ވޮޑިގެންވާފަރާތެއްކަމަށް އީމާންވެހުރެ ރައްބުވަންތަކަމުގައި އާއި އިލާހުވަންތަކަމުގައި އެއިލާހުގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.
الله تعالى ވަނީ ކީރިތި ޤުރުއާނުގެ އެތަށް އާޔަތެއްގައި ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމާއި އެކަމުގެ ބައިތަކާއި ބެހޭގޮތުން އަޅުގަނޑުމެންނަށް އުގަންނައި ދީ ބަޔާންކޮށްދީފައެވެ.

ކީރިތި ޤުރުއާނުގެ ފުރަތަމަ ސޫރަތްކަމުގައިވާ الفاتحة ގައި الله تعالى ވަޙީކުރައްވާފައިވާ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ގައިވާ (لله) މިލަފްޒުން ތައުޙީދުލް އުލޫހިއްޔާ ނުވަތަ އަޅުކަންކުރުމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. އަދި (رب العالمين) އިން ތައުޙީދުއް ރުބޫބިއްޔާ ނުވަތަ ރައްބުވަންތަކަމުގައި الله تعالى އެއްކައުވަންތަކުރުން ޘާބިތުކޮށް ދަލާލަތުކޮށްދެއެވެ. (އެބަހީ އެއްޗެހި އުފައްދައި ޚަލްޤުކުރެއްވުމާއި އެތަކެތި ބަލާ ގެންގުޅުމާއި އެތަކެއްޗަށް ރިޒްޤުދެއްވައި ހުރިހާ ކަމެއް ކޮށްދެއްވަނީވެސް الله تعالى ކަން ހިތުގެ އަޑިން ޔަޤީންކޮށް ހަމައެކަނި الله تعالى އަށް އެކަން ނިސްބަތްކުރުންޘާބިތުކުރުމެވެ.) އަދި މިސޫރަތުގައި الله تعالى ވަޙީކުރައްވާފައި الرَّحْمَنِ الرَّحِيمِ އިން އެއިލާހަށް ނިސްބަތްވާ ހުރިހާ ސިފަފުޅުތަކެއްގައި އާއި ނަންފުޅުތަކެއްގައި އެ އިލާހު އެއްކައުވަންތަކަން ޘާބިތުކޮށްދީ އެކަމަށް ދަލާލަތު ކޮށްދެއެވެ. ތައުޙިދުއް ރުބޫބިއްޔާ އަށް ދަލާލަތު ކޮށްދެއްވަމުން އަދިވެސް الله تعالى ވަޙީކުރައްވާފައި ވެއެވެ. مَالِكِ يَوْمِ الدِّينِ . ހަމަ އެހެންމެ އަޅުކަމުގައި الله تعالى އެއްކައުވަންތަ ކުރުމަށް ދަލާލަތުކޮށްދެއްވަމުން ވަޙީކުރަށްވާފައި ވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ . ތައުޙީދު ނުވަތަ الله تعالى އެއްކައުވަންތަކުރުމުގެ ބައިތަކައި އޭގެ ތަފްޞީލު އުގަންނައިދީ ބަޔާންކޮށްދޭ މިފަދަ އެތައް އެތައް އާޔަތްތަކެއް ކީރިތި ޤުރުއާނުގައި الله تعالى ބަޔާންކޮށްދެއްވާފައި ވެއެވެ. މުޅިޤުރުއާން ވެސް އަޅުގަނޑުމެނނަށް ތައުޙީދު ބަޔާންކޮށްދެއެވެ. އެހެންކަމުން މަޝްހޫރު ހަތަރު މަޒުހަބު (ހަނަފީމަޒުހަބާއި މަލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ހަންބަލީ މަޒުހަބުގެ) އިމާމުން ފަދަ އުއްމަތުގެ ސަލަފުއްސާލިހުން ތައުޙީދު ބަޔާންކޮށްދެއްވާ އޭގައި ތިން ބައެއްވަކަމަށް ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ކުރިން ވެސް ބަޔާންވެދިޔަ ފަދައިން ތައުޙީދުއް ރުބޫބިއްޔާ އާއި ތައުޙީދުލް އުލޫހިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތެވެ.
ތައުޙީދުލް އުލޫހިއްޔާ އާއި ތައުޙީދުއް ރުބޫބިއްޔާ އަދި ތައުޙީދުލް އަސްމާއި ވައްޞީފާތަކީ ކޮބާ؟
ތައުޙީދުލް އލޫހިއްޔާ އަކީ: ހުރިހާ އަޅުކަމެއްގައި الله تعالى އެކައުވަންތަކުރުމެވެ. އެބަހީ ހުރިހާ އަޅުކަމެއް الله تعالى އަށް ޚާލިޞްކުރުމެވެ. އެއްވެސް އަޅުކަމެއްގައި އެއިލާހާއި އެއްވެސް ފަރާތެއް ޝަރީކު ނުކުރުމެވެ. ނުވަތަ ބައިވެރި ނުކުރުމެވެ.
އަޅުކަމަކީ ރަސޫލާ صلى الله عليه وسلم ގެނެސް ދެއްވި ގޮތަށް الله تعالى އަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ބަސްތަކާއި ފެންނަކަންކަމާއި އަދި ނުފެންނަކަންކަމުގެ ތެރެއިން الله تعالى ލޯބިވެ ވޮޑިގަންނަވާ ކޮންމެ ބަހަކާއި އަމަލެކެވެ.
ތައުޙީދުއް ރުބޫބިއްޔާ އަކީ: الله تعالى ކުރައްވާ ކޮންމެ ކަމެއްގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިން އެވެސްކަމެއްގައި އެކަލާނެގެ އާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. މިސާލަކަށް ޚަލްޤުކުރެއްވުމާއި، ރިޒްޤުދެއްވުމާއި، މަރުގެންނެވުމާއި ދިރުންވުން ފަދަކަންކަމެވެ.

ތައުޙިދުލް އަސްމާއި ވައްޞިފާތަކީ: ޤުރުއާނާއި ސުންނަތުން ސާބިތުވާ الله تعالى ގެ ނަންފުޅުތަކާއި ޞިފަފުޅުތައް އެއްވެސް ތަޢުވީލު ކުރުމަކާއި ވައްތަރު ބަޔާންކުރުމަކާއި ނުލައި އެއިލާހުގެ ޒާތުފުޅަށް ނިސްބައި ކުރުމެވެ. الله تعالىވަޙިކުރައްވާފައި ވަނީ لَيْسَ كَمِثْلِهِ شَيْءٌ "އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ."
އަހަރެމެންނަކީ ޙައްޤުގޮތުގައި الله تعالى އެއްކައުވަންތަކުރާ މުއައްޙިދުންކަމުގައި ލައްވާ، ދުނިޔެއާއި އާޚިރަތުގެ ހަޤީޤީ ބާއްޖަވެރިންކަމުގައި ލައްވާށި. އާމީން

އިތުރަށް ވިދާޅުވޭ

29.11.09

ބާއްޖަވެރިކަން

ޢަބްދުﷲރަޝީދު

އޭ އަޚުންނާއި އުޚުތުންނޭ! އޭ ދިވެހި ދަރިންނޭވެ އެވެ! ތިމާމެންގެ ވެރި އިލާހު ﷲ އަށް ބިރުވެތި ވާށެވެ. ތިމާމެންގެ ކުރާ ހުރިހާ އަމަލެއް އެއިލާހު އަބަދާއި އަބަދު ބައްލަވާ ވޮޑިގެންވާކަން ހަނދުމަކުރާށެވެ

އަދި އެ އިލާހު ދެނެގަތުން ޙައްޤުގޮތުގައި ދެނެގަތުމަށް މަސަކަތް ކުރާށެވެ. އަދި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައި ވަސައްލަމަ އާއި އެކަލޭގެ ފާނުގެ ސުނަތާއި ގެނެސްދެއްވި ހުރިހާ ކަމެއް ދެނެގަތުމާށް މަސައްކަތް ކުރާށެވެ. އަދި ﷲގެ ދީން އޭގެ އަސްލާއި އެއްގޮތައް ދެނެގަތުމަށް މަސައްކަތް ކުރާށެވެ. އަދި މިހުރިހާކަމަކަށް އިޚްލާޞްތެރިކަމާއި އެކު ޢަމަލުކުރުމަށް މަސައްކަތް ކުރާށެވެ. އަދި އެކަންކަން އުގެނި ތިމާގެ އަހުލުންނަށާއި ގާތްތިމާގެ މީހުންނަށާއި އެހެން މުސްލިމު އަޚުންނާއި އުޚުތުންނަށްވެސް އުގަންނައިދިނުމަށް މަސައްކަތް ކުރާށެވެ. އަދި އިސްލާމް ދީން ނުދަންނަމީށްތަކުންނަށް ދީން ފޯރުކޮށްދިނުމަށްވެސް މަސަކަތް ކުރާށެވެ. އަދި މިހުރިހާކަންކަމުގައި ދިމާވާ ދަތިތަކާއި ހުރަސްތަކާއި ފިއްތުންތަކަށް ކެތްތެރިވެ، ހިތްވަރާއިއެކު އެކަންކަމައިގެން، ފަސްއެބުނރި ބެލުމެއްނެތި ކުރިއަށްދާށެވެ. އޭރުން ތިމާމެންނަށް ﷲގެ ރަޙްމަތާއި ހެޔޮ ޖަޒާ ވާނެކަމާއި މެދަކު ޝައްކެއްނެތެވެ. އަދި އާޚިރުގައި އެމީހެއްގެ ގޮވެއްޗަކީ ބާއްޖަވެރިކަމުގެ ގޮވެއްޗެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
مَنْ كَانَ يُرِيدُ حَرْثَ الْآَخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَنْ كَانَ يُرِيدُ حَرْثَ الدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي الْآَخِرَةِ مِنْ نَصِيبٍ (الشورى 20)
މާނައީ: "އާޚިރަތުގެ ދަނޑުބިމަށް (އެބަހީ އާޚިރަތުގެ ޘވާބަށައި ނިޢުމަތްތަކަށް) އެދޭ މީހާ ދަންނާށެވެ. ތިމަން ﷲ އެމީހެއްގެ އާޚިރަތުގެ ދަނޑުބިން އިތުރަށް ތަރައްޤީކޮށްދެއްވާނަމެވެ. އަދި ދުނިޔޭވެ ދަނޑުބިމަށް (އެބަހީ ދުނިޔޭގެ އަރާމާއި ޒީނަތައް) އެދޭ މީހާ ދަންނާށެވެ. ތިމަންﷲ އެމީހަކަށް އެއިން ކޮންމެވެސް ވަރެއް ދެއްވާނަމެވެ. އަދި އާޚިރަތުގައި އެމީހަކަށް އެއްވެސް ނަޞީބެއް ނުވެއެވެ."
އަޅަމެންނީ ދުނިޔޭގެ ކެހިވެރި މަޅިތަކަށް ހެއްލިގެންދާބައެއްކަމުގައި ނުލައްވާށި. އަދި އަޅަމެންނީ އާޚިރަތުގެ ދަނޑުބިމަށް އެދޭ މީހުންގެ ތެރެއިން ލައްވައި، އާޚިރަތުގައި ބާއްޖަވެރިކަމާއި ނިޢުމަތްތަކުގެ ގޮވެތި ސުވަރުގޭގެ އަހުލުވެރިންކަމުގައި ލައްވައި، ނަޞީބުވެރިންގެ ތެރެއިން ލައްވާށި. އާމީން!

އިތުރަށް ވިދާޅުވޭ

27.11.09

ޢީދު މުބާރިކު



އިތުރަށް ވިދާޅުވޭ

25.11.09

ސުވަރުގޭގެ ތަޅުދަނޑި

ޢަބްދުﷲރަޝީދު

ތައުޙީދުގެ މިކަލިމަ لاإله إلاالله ގެ މާނަ އާއި މުރާދު ދެނެ ގަތުމުގައި އެއަށް ދޭންޖެހޭ ޙައްޤުތަކަކާއި ޝަރުތު ތަކެއްވާކަމަށް ވެސް ދަންނަބެކަލުން ވަނީ ބަޔާން ކޮށްދެއްވާފައެވެ. އެހެނީ އެޙައްޤުތަކާއި ޝަރުތުތަކާއި ނުލާއި ހަމައެކަނި ދުލުން ބުނާ މީހަކަށް އެހެން ބުނުކަމުކުން އެއްވެސް ލާބައެއް މަންފާއެއް ނެތެވެ

ޞަޙިހުލް ބުޚާރީގެ "باب فى الجنائز ومن كان آخر كلامه لاإله إلاالله " ގައި ރިވާވެގެންވެއެވެ. އެއްދުވަހެއްގައި وهب بن منبه އަށް ބުނެވުނެވެ. " لاإله إلاالله އަކީ ސުވަރުގޭގެ ތަޅުދަނޑިއެއް ނޫން ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވި އެވެ. "ނޫނެކެވެ. އެހެނެއްކަމަކު އެއީ އޭގައި ދަތްތަކެއްވާ ތަޅުދަނޑި އެކެވެ. ތިބާ ދަތްތައްވާ އެތަޅުދަނޑި އާއި އެކު އަތުވެއްޖެ ނަމަ ތިބާއަށް އެދޮރު (ސުވަރުގޭގެ ދޮރު) ހުޅުވޭނެއެވެ. ނޫނީ އެ ދޮރު ހުޅުވުމެއްނެތެވެ. " އެހެންކަމުން ސުވަރުގެއަށް ވާސިލް ކޮށްދޭ ވަޞީލަތަކަށް މި ކަލިމަ ހެދުމަށްޓަކައި އަހަރެމެންނަށް ލާޒިމްވެގެންވަނީ އޭގެ މާނައާއި މަފްހޫމް ދެނެގަނެ އެކަލިމަ ވާޖިބުކުރާ ކަންތައްތަކަށް އަމަލުކޮށް އޭގެ ޝަރުތުތަށް ފުރިހަމަ ކުރުމެވެ.
لاإله إلاالله ގެ ޝަރުތު ތަކަކީ ކޮބާ؟
لاإله إلاالله ގެ ޝަރުތުތައް ހަތެކެވެ.
1. العلْم المُنافي للْجهلِ : ޖާހިލުކަން ނަފީކުރާ ޢިލްމު. އެބަހީ ކަލިމައިގެ މާނައާއި މަފްހޫމު ދެނެގަނެ، އެއަށް ޖާހިލުވެ ނުހުރުން.
الله تعالى ވަޙިކުރައްވާފައި ވެއެވެ. فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ (محمد 19) މާނައީ" ފަހެ الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަދާއިގަންނަވާށެވެ."
2. اليقين المُنافي للشك : ޝައްކުކަން ނަފީކުރާ ޔަޤީންކަން. އެބަހީ ކަލިމަ ކިޔުމަށް ފަހު الله تعالى ތަޢާލާގެ އުލޫހިއްޔަތާއި ދޭތެރޭ އެއްވެސް ޝައްކެއް ނުކުރުން. އަދި ކިއެއްތަ! އެއިލާހުގެ އުލޫހިއްތާއި ދޭތެރޭ ޔަޤީން ކުރުން.
الله تعالى ވަޙިކުރައްވާފައި ވެއެވެ. إِنَّمَا الْمُؤْمِنُونَ الَّذِينَ آَمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ أُولَئِكَ هُمُ الصَّادِقُونَ (الحجرات 15) މާނައީ" މުއުމިނުން ކަމުގައި ވާކަން ކަށަވަރީ الله تعالى އަށާއި އެކަލާނގެރަސޫލާއަށް އީމާންވެ، ދެން (އެއީމާންކަމާއި މެދު) ޝައްކު ނުކުރާމީހުންނެވެ. އަދި އެއުރެންގެ މުދާތަކާއި ނަފްސުތަކުން الله تعالى ގެ މަގުގައި ޖިހާދު ކުރާ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ."
3. القَبول المُنافي للرد: ރައްދު ކުރުން ނަފީ ކުރާ ޤަބޫލުކުރުން. އެބަހީ ކަލިމަ ކިޔުމަށްފަހު އޭގެ މާނަ ހިތުން ޤަބޫލުކުރުން އަދި ދުލުން ކިޔައި ހިތުން ރައްދު ނުކުރުން.
الله تعالى މުޝްރިކުންނާއި ބެހޭގޮތުން ވަޙީކުރައްވާފައި ވެއެވެ. إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَهَ إِلَّا اللَّهُ يَسْتَكْبِرُونَ () وَيَقُولُونَ أَئِنَّا لَتَارِكُوا آَلِهَتِنَا لِشَاعِرٍ مَجْنُونٍ (الصافات35،36) މާނައީ" ހަމަކަށަވަރުން الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އެއުރެންނަށް ބުނެވިއްޖެނަމަ އެއުރެން ބޮޑާވެ ގަންނަކަމުގައިވޫއެވެ. އަދި އެއުރެން ބުނެތެވެ. މޮޔަވެފައިވާ ޅެންވެރިއެއްގެ ބަހަށް ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟"
4. الانقياد المُنافي للترك : ދޫކޮށްލުން ނަފީކުރާ ބޯލަނބައި ކިޔަމަން ގަތުން. އެބަހީ ކަލިމަ ކިޔުމަށްފަހު ކަލިމަ ވަޖިބު ކުރާ ކަންތައްތަކަށް ބޯލަނބައި ކިޔަމަންގަތުން އަދި ކަލިމަ ދުލުން ކިޔައި ކަލިމަ ވާޖިބު ކުރާކަންތައްތައް ދޫކޮށްނުލުން. الله تعالى ވަޙިކުރައްވާފައި ވެއެވެ. وَمَنْ يُسْلِمْ وَجْهَهُ إِلَى اللَّهِ وَهُوَ مُحْسِنٌ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى وَإِلَى اللَّهِ عَاقِبَةُ الْأُمُورِ (لقمان 22) މާނައީ "ﷲ އެއްކައުވަންތަ ކުރާ ހާލު الله تعالى އަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ.) ފަހެ އޭނާ އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އަދި ކަންކަމުގެ ނިމުންވަނީ الله تعالى ގެ ޙަޟުރަތަށެވެ."
5. الإِخلاَص المُنافي للشرك : ޝިރުކު ކުރުން ނަފީކުރާ އިޚްލާޞްތެރިކަން. އެބަހީ ކަލިމަ ކިޔުމަށް ފަހު الله تعالى އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުން. އަދި ކިއެއްތަ! އެންމެހާ އަޅުކަމެއް އެ އިލާހަށް ޚާލިޞްކުރުން.
الله تعالى ވަޙިކުރައްވާފައި ވެއެވެ. فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ (الزمر 2) މާނައީ " الله تعالى އަށް ދީން ޚާލިޞްކުރާ ހާލު ކަލޭގެފާނު އެއިލާހަށް އަޅުކަންކުރަށެވެ."
6. الصدق المُنافي للْكَذبِ : ދޮގުވެރިކަން ނަފީކުރާ ތެދުވެރިކަން.އެބަހީ ކަލިމަ ކިޔުމަށް ފަހު އޭގެ މާނައަށާއި މަފްހޫމަށް ތެދުވެރިވުން އަދި ދޮގުވެރި ނުވުން
الله تعالى ވަޙިކުރައްވާފައި ވެއެވެ. أَحَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آَمَنَّا وَهُمْ لَا يُفْتَنُونَ () وَلَقَدْ فَتَنَّا الَّذِينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ (العنكبوت 3،2) މާނައީ "މީސްތަކުން ތިމަންމެން އީމާންވެއްޖައީމެ ބުނުމުން، އެއުރެން އިމްތިޙާނު ނުކުރައްވާ ދޫކޮށްލައްވާނެ ކަމަށް ހީކުރީހެއްޔެވެ؟ އަދި ހަމަ ކަށަވަރުން އެއުރެންގެ ކުރީގެ (އުންމަތްތަކުގެ) މީހުން، ތިމަން އިލާހު އިމްތިޙަނުކުރެއްވީމެވެ. ފަހެ (އީމާންކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން الله تعالى ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިންވެސް އެ އިލާހު ދެނެވޮޑިގެންވެއެވެ."
7. المَحبُة: ލޯބިވުން. އެބަހީ ކަލިމައިގެ މާނަ އަށާއި މަފްހޫމަށް ރުހުން.
الله تعالى ވަޙިކުރައްވާފައި ވެއެވެ. وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آَمَنُوا أَشَدُّ حُبًّا لِلَّهِ (البقرة 165) މާނައީ " الله تعالى ފިޔަވައި އެކަލާނގެއާ އެކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަބަޔަކު މީސްތަކުންގެ ތެރެއިންވެއެވެ. الله تعالى ދެކެ ލޯބިވާފަދައިން އެޝަރީކުންތައްދެކެ އެބައިމީހުން ލޯބިވެއެވެ. އަދި އީމާންވި މީހުން الله تعالى ދެކެ މާބޮޑަށް ލޯބިވެއެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ! لاإله إلاالله އަކީ ތައުޙީދުގެ ބުންޔާދެވެ. އެކަލިމައެއްގެ މައްޗަށް ހުރިހާ އަމަލުތަކެއް ބިނާ ކުރަންޖެހޭ ކަލިމައެވެ. ކަލިމައިގެ މަނައާއި މަފްހޫމާއި މުރާދު ދެނެގަނެ އޭގެ ޝަރުތުތައްފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްޙަވުމައި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ކިއެއްތަ! އެފަދަ މީހަކީ ޙަޤީޤަތުގައިވެސް ނަޞީބު ވެރިއެކެވެ. الله تعالى ތަޢާލާ އަޅުގަނޑުމެންނަކީ ފުރިހަމަ މުއައްޙިދުން ކަމުގައި ލައްވައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ އަހުލުވެރިންގެ ތެރެއިން ލައްވާށި. އާމީން!

އިތުރަށް ވިދާޅުވޭ

23.11.09



އާއެކެވެ. އެއީ ހަމަ ޙަޤީޤަތުގައިވެސް ނަޞީބުވެރިންނެވެ


ޢަބްދުﷲ ރަޝީދު


އެކަލިމަކީ އެކަލިމައެއްގެ މަތީގައި އުޑާއި ބިން ޤާއިމްވެފައިވާ ކަލިމައެވެ. އެކަލިމައަކަށްޓައި ހިސާބުބެއްލެވުމާއި ދުނިޔެ ލެއްވި ކަލިމައެވެ. އެއީ އިސްލާމްކަމުގެ ތަނބެވެ. ސުވަރުގޭގެ ތަޅުދަނޑި އެވެ. ފަރުޟުތަކާއި ސުންނަތްތަކުގެ އަސާސެވެ. ކޮންމެ އިންސާނެއްވެސް އެންމެ އަހަމިއްޔަތު ދޭންޖެހޭ އަދި ފުރަތަމަ އެކަމަކަށް އީމާންވުން ވާޖިބުވެ ލާޒިމް ވެގެންވާ ކަލިމައެވެ. އެކަލިމައަށްޓަކައި ކޮންމެ މުސްލިމަކުވެސް އުގެނި އަމަލުކުރުން ލާޒިމުކޮށް، އެކަލިމައަކަށްޓަކައި ފަރުވާތެރިވެ ރައްކައުތެރިވެގެން ތިބޭ ކަލިމައެވެ. މީހެއްގެ އެންމެފަހުގެ ކަލިމައަކަށް އެކަލިމަ ވެއްޖެ މީހާ ސުވަރުގެ ވަނުމަށް މެދުވެރިވާ ކަލިމައެވެ. މުސްލިމުންނާއި ކާފަރުން ވަކިކޮށްދޭ އިނެވެ.


އުފަލާއި ހިއްހަމަޖެހުމުގެ އަހުލުވެރިންނާއި މާޔޫސްކަމާއި ހިތާމައިގެ އަހުލުވެރިން ފަރަޤުކޮށްދޭ މިންގަނޑެވެ. އާދެ އެއީ ތައުޙީދުގެ ކަލިމަ لاإله إلاالله އެވެ.
އެކަލިމަ އެއީ ތިމާ ސުވަރުގެ ވަނުމުގެ ސަބަބަކަށްވަނީ އޭގެ މާނައެއް މުރާދެއް ނޭގި ތިބެ ހަމައެކަނި ދުލުން ބުނުމަކުން ނޫނެވެ. އަދި މަޔޫސްކަމާއި ހިތާމައިގެ އަހުލުންގެ ތެރެއިން ސަލާމަތްވެ ހިއްހަމަޖެހުމާއި އުފަލުގެ އަހުލުވެރިން ގެ ތެރެއިން ވުމަށް ސަބަބަށް ވަނީވެސް އޭގެ މާނައާއި މުރާދު ނޭގި ތިބެ ގޭގޭގެ ފާރުތަކުގައި ތައްކޮށް، ފަށްފަށުގެ ފުލުގައި އެލުވާ ތިމާ ގެނގުޅޭ އެއްޗެތީގައި ލިޔެ ހެދުމަކުންވެސް ނުމެނޫންމެވެ. އެހެނެއްކަމަކު އޭގެ ފުރިހަމަ މާނައާއި މުރާދު ޙައްޤުގޮތުގައި ދެނެގަނެ އެއަށް އަމަލުކުރީމައެވެ. އެހެނީ މިމަތިވެރި ކަލިމަ ދުލުންކިޔައިގެން ތިބޭ މީހުން ތެރޭގައިވެސް އަޒާބުގެ ގޮވެތި ނަރަކައިގެ އެންމެ އަޑީގައިވާ ބަޔަކުވެސް ވެއެވެ. އެއީ މުނާފިގުންނެވެ. އެހެންކަމުން އަހަރެމެންނަށް ވާޖިބުވެލާޒިމްވެގެންވަނީ އެންމެ މާތް ވެގެންވި ތިންޤަރުނުގެ ސަލަފުއްސާލިހުން ހިންގެވި މަގުން ހިނގައި މިމަތިވެރި ކަލިމަގެ ފުރިހަމަ މާނައާއި މުރާދު ދެނެގަނެ އެއަށް އަމަލުކުރުމެވެ.
لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ؟
މުސްލިމުންގެ ތެރޭގައި ބައެއް މީހުން މިކަލިމަގެ މާނަކުރުމުގައި ބުނެފައި ވެއެވެ. މިކަލިމައިގެ މާނައަކީ "الله تعالى ފިޔަވައި އެއްވެސް އިލާހަކު ނުވެއެވެ." މިމާނައަކީ މިކަލިމައިގެ ރަގަޅުމާނައާއި މުރާދެއްނޫންނެވެ. އެހެނީ މިހެންބުނެފިނަމަ ދެކަމުން ކުރެ އެއްކަމެއް ލާޒިމް ކުރެވެ.
ފުރަތަމަ ކަމަކީ މިހެން ބުނެފިނަމަ ކައުނުގެ ބޮޑު ޙަޤީޤަތަކަށް އިންކާރު ކުރެވުނީއެވެ. ސަބަބަކީ މިހެން ބުނުމުން الله تعالى އަށް ފިޔަވައި މީސްތަކުން އަޅުކަން ކުރަމުންދާ ހުރިހާ އިލާހުންތައްވެސް އެއީ ނުވާ އެއްޗަކަށް ވީއެވެ. الله تعالى ފިޔަވައި އެފަރާތްތަކަށް ނުޙައްޤުންއަޅުކަން ކުރަމުންދާ އެތައް އިލާހުން ތަކެއް ވެއެވެ. އޭގެތެރޭގައި ބުދުތަކާއި އިންސާނުންނާއި އިރާއި ހަނދާއި އަދިވެސް އެތައް އެއްޗެއް ހިމެނެއެވެ. މުޝްރިކުންނާއި ބެހޭގޮތުން الله تعالى ވަޙިކުރައްވަފައިވާ މިއާޔަތުން އިންސާނުން އެތަށް އިލާހުންތަކަކަށް އަޅުކަންކުރަމުން ދާކަން ދޭހަވެއެވެ.
أَجَعَلَ الْآَلِهَةَ إِلَهًا وَاحِدًا إِنَّ هَذَا لَشَيْءٌ عُجَابٌ (سورة ص 5)
މާނައީ: "އެކަލޭގެ ފާނު ހުރިހާ އިލާހުންތައް އެއް އިލާހަކަށް ހެއްދެވީ ހެއްޔެވެ؟ ހަމަކަށަވަރުން މީ ނުހަނު އަޖާޢިބުވާފަދަ ކަމެއްކަން ކަށަވަރެވެ."
ދެވަނަކަމަކީ އަޅުކަންކުރެވޭ ހުރިހާ ތަކެއްޗަކީ الله تعالى އޭ ބުނުމެވެ. ނުވަތަ ހުރިހާ އެއްޗަކީވެސް الله تعالى އޭ ބުނުމެވެ. ޝައްކެއް ނެތް ގޮތުގައި މިއީ މުޅިން ބާޠިލް ދައުވާ އެކެވެ. މިއީ ވިހުދަތުލް ވުޖޫދު ގެ އަހުލުވެރިން ބުނަމުންދާ ގޮތެވެ. އެބައި މީހުން ބުނެއެވެ. " الله تعالى ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ"
މިދެ ދައުވާ އަކީވެސް ބާޠިލް ދައުވާތަކެއް ކަންކަށަވަރެވެ.
އެކަމުގައި ޝައްކެއްނުވާ އެންމެ ޞައްޙަގޮތުން لاإله إلاالله ގެ ފުރިހަމަ މުރާދާއި މާނަ އަކީ ކޮބާ ހެއްޔެވެ؟ ދީނުގެ އިލްމު ލިބިގެންތިއްބެވި ދަންނަބާކަލުން ވަނީ މިކަލިމާގެ މާނައާއި މުރާދު ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މަޝްހޫރު ތަފްސީރު ޠަބަރީގައި البقرة ސޫރަތުގެ 163ވަނަ އާޔަތް وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ ތަފްސީރު ކޮށްދެއްވަމުން އިމާމު ޠަބަރީ ބަޔާންކޮށްދެއްވާފައި ވާގޮތުން އިޖްމާލީގޮތެއްގައި މިކަލިމައިގެ މާނައާއި މުރާދަކީ " الله تعالى ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވެއެވެ." މިއެވެ. އަދި މިއާއެކު މި ކަލިމާގައި ދެރުކުނެއް އެކުލެވިގެން ވާކަމަށް ދަންނަބޭކަލުން ބަޔާންކޮށްދެއްވާފައި ވެއެވެ. އެއީ ނަފީ ކުރުމާއި ޘާބިތުކުރުމެވެ. الله تعالى ފިޔަވައި އެހެން ހުރިހާ އިލާހުންތަކަށް ކުރެވޭ އަޅުކަން ނަފީކޮށް އިންކާރު ކުރުމާއި، الله تعالى އަށް ކުރެވޭ އަޅުކަން ޘާބިތުކޮށް ހިތުގެ އަޑިންއެކަން ޤަބޫލުކޮށް ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމެވެ. މިކަމަށް ދަލާލަތު ކޮށްދޭ އެތަށް ދަލީލެއް ކީރިތި ޤުރުއާނުގައި ވެއެވެ.
الله تعالى ވަޙީކުރައްވާފައި ވެއެވެ.
ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج 62) މާނައީ "އެހެނީ ހަމަކަށަވަރުން الله تعالى އީ ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެއިލާހު ފިޔަވައި އެއުރެން އަޅުކަން ކުރާތަކެއްޗަކީ، އެއީ ބާޠިލްތަކެއްޗެވެ. އަދި ހަމަކަށަވަރުން الله تعالى އީ އެންމެ މަތިވެރި އެންމެ އަޡަމަތްތެރި އިލާހެވެ."
އޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭ! لاإله إلاالله އަކީ ތައުޙީދުގެ ބުންޔާދެވެ. އެކަލިމައެއްގެ މައްޗަށް ހުރިހާ އަމަލުތަކެއް ބިނާ ކުރަންޖެހޭ ކަލިމައެވެ. ކަލިމައިގެ މަނައާއި މަފްހޫމާއި މުރާދު ދެނެގަނެ އޭގެ ޝަރުތުތައްފުރިހަމަކޮށްފިނަމަ ކަލިމައިގެ މައްޗަށް ބިނާކުރާ ޢަމަލުތައް ޞައްޙަވުމައި މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ކިއެއްތަ! އެފަދަ މީހަކީ ޙަޤީޤަތުގައިވެސް ނަޞީބު ވެރިއެކެވެ. الله تعالى ތަޢާލާ އަޅުގަނޑުމެންނަކީ ފުރިހަމަ މުއައްޙިދުން ކަމުގައި ލައްވައި ދުނިޔެއާއި އާޚިރަތުގެ ކާމިޔާބުގެ އަހުލުވެރިންގެ ތެރެއިން ލައްވާށި. އާމީން!

އިތުރަށް ވިދާޅުވޭ